ށ. ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ށ. ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފޭދޫގައި ގާއިމުވެ މަސައްކަތްކުރާ ފުލުހުން، ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.

"އެކުގައި މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި، ރަށަކީ އެންމެ ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް އެދެން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާ އަކަށް ބަދަލުކުުރުމުގެ މައްޗަށް ކަމަށެވެ. ފޭދޫގައި ގާއިމުކުރި ޕޯސްޓަކީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަލީ ރަޝީދު ވިދާޅުވީ ފޭދޫގައި ޕޮލިސް ޕޯސްޓް ގާއިމުވެ ހިދުމަތް ފެށުމާއެކު މީގެކުރިން ށ. ފޯކައިދޫން ފުލުހުން އައިސް ދޭން ފެށި ހިދުމަތް މިއަދުން ފެށިގެން ނިމުމަކަށް އައިސް ފޭދޫ ރައްޔިތުންނަށް ދެން ހިދުމަތް ލިބިގެންދާނީ ރައްޔިތުންނާ ގާތުން ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ށ. ފޭދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް އާންމުންވެސް ބައިވެރިވި އެވެ.