ފޭދޫ ކައުންސިލް ވެބްސައިޓް ލޯންޗުކޮށްފި
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ ވެބްސައިޓް ލޯންޗު ކޮށްފިއެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި ފޭދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝާމިރު އެވެ.
މިވެބްސައިޓް ހިންގަން ފެށުމާއިއެކު ފޭދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެއެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު ވިދާޅުވީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކުރަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިވެބްސައިޓްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއިއެކު ލިބިގެންދާނެކަމަށެވެ. އަދި ކޮވިޑް-19ގެ މި ދަތި އުނދަގޫ ވަގުތުގައި ކައުންސިލުން ލިބޭ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގޭގައި ތިބެގެން ކުރެވޭނެ ފަދަ ގޮތަކަށް ހަމަޖެހިގެން ދިއުމަކީވެސް މި ވެބްސައިޓުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށެވެ.