ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިކަން ފޯރުކޮށްދީފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ށ. ގޮއިދޫ އަދި ށ. ކަނޑިތީމު މޮނިޓަރިންއަށްލާފައިވާތީ އެ ދެރަށު ރައްޔިތުންނަށް އެހީތެރިވުމަށް ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން ފޭދޫ ރައްޔިތުންގެ ފަރާތުން އެ ދެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތިީގެ އެހީ ތެރިކަން ފޯރު ކޮށްދީފިއެވެ.

މި ހަރަކާތުގައި ށ. ފޭދޫ ރައްޔިތުންގެ ފަރާތުން ކާބޯތަކެތި ހަދިޔާ ކުރުމުގައި ވަރަށް ބޮޑު އެހީތެރި ކަމެއް ވެދީފައިވެއެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، ކަނޑިތީމާއި، ގޮއިދޫއަކީ މިދާއިރާގައި ހިމެނޭ ދެރަށް ކަމަށާއި އާންމުކޮށް އެ ދެރަށަށް މުދާ އުފުލާ މާލެ ދަތުރުކުރާ ބޯޓަކަށް މި އޮންނަނީ މިރަށު ބޯޓާއި ކަނޑިތީމު ބޯޓު ކަމަށެވެ. އެ ދެ ބޯޓު ވެސް މިވަގުތު އޮތީ ކަރަންޓީނުގައެވެ. އެހެންކަމުން އެ ދެރަށުގެ ރައްޔިތުންނަށް ވެސް ކާބޯތަކެތީގެ ދަތިކަން ހުންނާނެއެވެ. މިރަށުގެ ރައްޔިތުން މިއަދު އެ ދެރަށަށް މިފޮނުވީ ކާބޯތަކެތި، ހަނޑޫ، ހަކުރު، ފުއް، ނޫޑްލުސް އަދި މިނޫންވެސް ތަކެތި ފޮނުވިން، މީގެ އިތުރުން އެރަށްރަށުގައި ތިބި މިރަށު މީހުންގެ ރަހުމަތްތެރީންނަށާއި، ޢާއިލީ މީހުންނަށް ވެސް ހަދިޔާ ބަދިޔާ ފޮނުވި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އެ ދެރަށަށް ރޯ މަސް ފޮނުވަން ކަމަށެވެ. ނަމަވެސް މިދުވަސްވަރަކީ އުތުރަށް މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ބޭނުންވި ވަރާއި ގާތަށް ވެސް މަސް ނުލިބުނު ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަފާހަގަކޮށްލަން މިކަމުގައި ފޭދޫ ރައްޔިތުން މިދެއްކި އެއްބައި ވަންތަކަމާއި، އަޚްވަންތަކަން، މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު ހިތުގެ ފުންމިނުން ޝުކުރުއަދާކުރަން އަދި މިކަމުގައި ފޭދޫ ކައުންސިލް މެންބަރުންނާއި، އިދާރީ މުވައްޒަފުން އަދި މިކަމުގައި ޝާމިލްވި އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސަކީވެސް އަތޮޅު ކައުންސިލްގެ މެންބަރެއްކަން ފާހަގަކުރައްވައި، މުޅި ށ. އަތޮޅުގެ ރައްޔިތުންނަށް މިބަލިން ރައްކާތެރިކަން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް އެ އަތޮޅުގެ ގޮއިދޫ، ކަނޑިތީމު، މިލަންދޫ އަދި ޅައިމަގުގެ ރައްޔިތުން ވިހާވެސް އަވަހަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތް ވުމީ އޭނާއާއި ފޭދޫ ރައްޔިތުންގެ ދުޢާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތަށް ށ. ފޭދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބަށް ކައުންސިލުގެ ފަރާތުން ޝުކުރުއަދާކުރަމެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން.